އިޒްރޭލްގެ ސަހުޔޫނީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން މިހާރު ކުރަމުންދާ ހަނގުރާމައިގެ ހަގީގީ އަގު އެއް ޓްރިލިއަން ޑޮލަރަށް ވުރެ މަތިވާނޭކަމުގެ އިންޒާރު، ހާވާޑް ކެނެޑީ ސްކޫލްގެ ޕަބްލިކް ޕޮލިސީ އެކްސްޕާޓަކު ދެއްވައިފިއެވެ.
ހަނގުރާމައިގެ މާލީ ހޭދަތައް ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވާ ލިންޑާ ބިލްމްސް ވިދާޅުވީ، "އަޅުގަނޑަށް ޔަގީން އީރާން ހަނގުރާމައަށް އެމެރިކާއިން އެއް ޓްރިލިއަން ޑޮލަރު ހަރަދު ވާނެ. ފަހަރެއްގައި އެ އަދަދު މިހާރު ވެސް ހަމަވެދާނެ." ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އަންދާޒާތަކުގެ ތެރޭގައި، ސީދާ ހަނގުރާމައިގެ ހަރަދު (މިހާރު ދުވާލަކު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު)، ހަތިޔާރު އަލުން އަނބުރާ ހޯދުމާއި، ސިފައިންގެ އެހީ ދިނުމާއި، ވެޓަރަންސް ކެއާ އަދި ދިގު މުއްދަތުގެ އިގްތިސާދީ އަސަރުތައް ހިމެނޭއިރު، މި ހަނގުރާމައަށް ފުރަތަމަ ލަފާކުރި ވަރަށްވުރެވެސް މިއަދަދު މިހާރު ބޮޑުވާނޭކަމަށް އޭނާ ލަފާކުރެއެވެ.
މި އިންޒާރު ދީފައި މިވަނީ މެދުއިރުމަތީގައި އެމެރިކާއާ އިޒްރޭލުން ހިންގަމުންދާ ޣައިރުޤާނޫނީ ހަނގުރާމައިގައި އެމެރިކާއިން އަދިވެސް ވަރުގަދައަށް ދެމިތިބޭނޭކަމަށް އެމެރިކާގެ ހަރުކަށި ރައީސް ޑޮނާލްޑް ޓްރަމްޕު އިންޒާރުދެމުންދާ ދަނޑިވަޅެއްގައެވެ.