ރަޝާއާ ދެކޮޅަށް އިތުރު އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެމެރިކާއިން އަޅާނަމަ، އެމެރިކާއަށްވެސް އޭގެ ގޯސް ނަތީޖާ ކުރިމަތިވެދާނެ ކަމަށް ބުނެ ޗައިނާއިން އިންޒާރު ދީފިއެވެ.
ވޮޝިންޓަންގައި ހުންނަ ޗައިނާގެ ސަފާރަތުން ބުނެފައިވަނީ، އެހެން ޤައުމުތަކަށް ނުފޫޒު ފޯރުވައި، ފިތުނައާއި ނަފުރަތު އުފެއްދުމާއި ބާރުފޯރުވުމަށް ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން، އެ ފިޔަވަޅު އަޅާ ފަރާތަށްވެސް އޭގެ ނުބައި އަސަރު އެނބުރި އަންނާނޭ ކަމަށެވެ. އަދި އެމެރިކާއިން ޤައުމުތަކާމެދު ދެފުށްކެހެރި ސިޔާސަތުތަކާއި މިންގަނޑުތަކެއް ބޭނުންކުރާ ކަމަށްވެސް ޗައިނާއިން އިލްޒާމުކޮށްފައިވެއެވެ.
ރަޝާއާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް ހިމެނޭ ބިލު، އެމެރިކާގެ ސެނެޓުގެ 86-11 ވޯޓުން ވަނީ ފާސްކޮށްފައެވެ. މި ބިލުގައި ރަޝާގެ ތެޔޮ އަދި ގޭސް ގިނަ މިންވަރަށް ގަންނަ ޤައުމުތަކުން، އެމެރިކާއަށް އެތެރެކުރާ ތަކެތީން 100 ޕަސެންޓާ ހަމައަށް ދާ އިމްޕޯޓް ޓެކުހެއް ނެގުމުގެ ބާރު އެމެރިކާގެ ރައީސަށް ދިނުން ހިމެނެއެވެ. މި ފިޔަވަޅުގެ މައިގަނޑު އަމާޒު ރައްދުވާ ޤައުމުތަކުގެ ތެރޭގައި ޗައިނާއާއި އިންޑިއާ ހިމެނެއެވެ.
ރަޝާގެ ތެލާއި ގޭސް ގަންނަ ގައުމުތަކާ ދެކޮޅަށް އެމެރިކާއިން އިމްޕޯޓު ޓެކްސް ބޮޑުކުރުމަށް އަޅާ މި ފިޔަވަޅުތަކުގެ މައިގަނޑު އަމާޒު ރައްދުވާ ޤައުމުތަކުގެ ތެރޭގައި ޗައިނާއާއި އިންޑިއާ ހިމެނެއެވެ.
ބިލު ޤާނޫނެއް ކަމަށް ހެދުމަށް، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިންވެސް ފާސްކުރަން ޖެހޭނެއެވެ.